ޕްރީސްކޫލް ޓީޗަރުން މުހިއްމުވާ 5 ސަބަބެއް

ޕްރީސްކޫލް ޓީޗަރުންނަކީ އެއްވެސް އެއްޗެއް ނޭނގޭ ބަޔަކަށް ހަދާލެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟ އެވެރިންކުރާ މަސައްކަތަކީ ގައުމަށް މާ ބޮޑު ފައިދާއެއް ނެތް ކަމެއްހެން ސިފަވާގޮތަށް ވާހަކަ ދައްކާމީހުން މަދުންނަމަވެސް ތިބެއެވެ. މި ލިޔުމުގައި މި ބަލާލަނީ ގައުމަށް ޕްރީސްކޫލް ޓީޗަރުން މުހިއްމުވާ 5 ސަބަބަށެވެ.

ކުއްޖާގެ ސިކުނޑި އެންމެ އަވަހަށް ތަރައްޤީވަމުން އަންނަ ދުވަސްވަރަކީ ޕްރީސްކޫލް ޢުމުރު ފުރާކަމުގައިވުން

ކުއްޖާ އުފަންވާއިރު ސިކުނޑި ހުރިހާ ގޮތަކަށް ބެއްޔަސް ވަރަށް ޅަވާނެކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގެއެވެ. އެ ޢުމުރުގެ ކުއްޖެއްގެ ސިކުނޑިއަކީ ޢާއްމު މީހެއްގެ ސިކުނޑީގެ ގާތްތަނޑަކަށް ހަތަރުބައިކުޅަ އެއްބައެވެ. ކުއްޖާއަށް އަހަރު ފުރޭއިރު އެއަށްވުރެ 2 ގުނަ ބޮޑުވެއެވެ. އަދި ޢުމުރުން 5 އަހަރު ފުރި 6 އަހަރަށް އަޅާއިރު ބޮޑު މީހެއްގެ ސިކުނޑިއާ ގާތަށް  %90 އަށް ބޮޑުވެއެވެ. 

ކުއްޖާގެ ޢުމުރުން 5-3 އަހަރުވަންދެން ސިކުނޑި ކަންކަމަށް ހުޅުވިފައި ހުންނަ މިންވަރަށް، ދެން ޢުމުރުގެ އެހެން މަރުޙަލާއެއްގައި ނާންނާނެއެވެ. މިހެންވެ، ފަންނީ ޕްރީސްކޫލް ޓީޗަރުންގެ ރޯލު ނުހަނު ބޮޑުވެފައި މުހިއްމުވީމާ އެމީހުންނަކީ ގައުމަށް ބޭނުން ނުޖެހޭ ބަޔަކަށްވާންވީ އެއްވެސް ސަބަބެއް ނެތެވެ. 

ލިޔަން ކިޔަން ދަތުމުގެ ބިންގާ އެޅުން

މަތީ ސާނަވީ ކެމިސްޓްރީ ކޮންމެ މީހަކަށް ކިޔަވައި ނުދެވޭނެކަން އެންމެންނަށް ވެސް އެނގޭނެ އެވެ. ގޭގައި އުޅޭ 7 އަހަރުގެ ކުއްޖަކަށް އޭނާއަށްވުރެ ކުޑަ ކުއްޖަކަށް އޭބީސީ، 123 ނުވަތަ ހ،ށ ކިޔަވައި ދެވިދާނެ ހެއްޔެވެ؟ ދެވިދާނެއެވެ. އެހެނަސް ، ޕްރީސްކޫލް ކުދިންނަށް ކިޔަވައި ދޭން ތަމްރީނު ވެގެން ހުންނަ ޓީޗަރަކީ އެންމެންނަށް އެނގޭ އޭބީސީ ، ހ،ށ އިތުރުން ތަފާތު ބައިވަރު އެހެން ޢިލްމާއި ހުނަރާއެކު ކިޔަވައިދޭ މީހެކެވެ.

ކުރިން ބުނެވުނު ޢިލްމާއި ހުނަރު އެކީ އެކައްޗަކަށް ފޮށްޓަކަށް އަޅާ ، އެއަށް ލިޔަން ކިޔަން ދަސްކޮށްދޭން ގެންގުޅޭ ’ލިޔަންކިޔަން ދަތުމުގެ އާލާތް ފޮށި‘ މިހެން ކިޔަމާ ހެއްޔެވެ؟ މި ފޮށި ހުޅުވާ ބަލާއިރު ، މީގައި ހުންނަ އެއްޗެއްސަކީ އުނގެނުމާއި އުނގަންނައި ދިނުމުގެ ތަފާތު އުކުޅުތަކާއި، ކުދިންނާ ގުޅޭ ގޮތަށް ފިލާވަޅުތައް ރާވާނެ ގޮތާއި، އުފެއްދުންތެރި ޚިޔާލާއި ، ކުދިންނަށް އެނގޭ ނޭނގޭ މިންވަރު ވަޒަން ކުރާނެ އެންމެ މޮޅު ގޮތްތަކާއި، ކޮންމެ ކުއްޖެއްގެ ކުރިއެރުން އަންދާޒާ ކޮށް އެކުއްޖާއަށް ހެޔޮވަރު ފިލާވަޅުތަކާއި ޙަރަކާތްތައް ހިންގާނެ ގޮތާއި ، ކޮޅުން ނުލާނޭ އޯގާތެރި ކަމާއި ކެތްތެރި ކަމެވެ. ދެން ވެސް އެތައް ބައިވަރު އެއްޗެއްސެއް އެ ފޮށީގައި ހުރެއެވެ.

އަޅުގަނޑުމެންގެ ދަރިންގެ ލިޔަންކިޔަން ދަތުމުގެ ބިންގަލަކީ އުފަލާ މަޖަލާއެކު ފެށޭ ދަތުރަކަށް ހަދަން ތިބީ ހީވާގި މޮޅު ޕްރީސްކޫލް ޓީޗަރުންނެވެ. މަތީ ސާނަވީ ކެމިސްޓްރީ ކިޔަވައިދޭ މީހާއާއި ހަމައަށް އަޅުގަނޑުމެންގެ ދަރީން ދިޔުމަށް އެޅޭ ބިންގާ ވަރުގަދަވަނީ  ފަންނުވެރި ޕްރީސްކޫލް ޓީޗަރުން ތިބެގެންނެވެ.

ކުއްޖާގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރަން ދަސްކޮށް ދިނުން

އިންސާނުން ހެދި ބޮޑުވުމުގެ ޑޮމެއިންތަކުގެ ތެރެއިން ޖަޒުބާތާއި ގުޅޭ ޑޮމެއިން ހިމެނެ އެވެ. ޢުމުރުން 5-3 އަހަރުގެ ކުދިން އިޖްތިމާޢީ ވެއްޓެއްގައި އެ ކުދިންނަށް ކުރެވޭ ތަފާތު އިޙްސާސްތަކާ ޖަޒުބާތުތައް އެންމެ ކައިރިން ފެންނާނެ އެއްބަޔަކީ ޕްރީސްކޫލް ޓީޗަރުންނެވެ. ކުދިން ހާސްވެ ރުޅިއައިސް ހަޅޭއްލަވާއިރު ކުއްޖާ އުރާލާ ލޯބިން ވާހަކަ ދައްކާ އެމީހުންގެ ހިތްހެޔޮ ކަމާއި އަޅާލުމުން ނަމޫނާ ދައްކަނީ ޕްރީސްކޫލް ޓީޗަރުންނެވެ. ވަރަށް ގިނަ ފަހަރަށް ގޭތެރެއާއި އޮފީހުގެ ޒިއްމާތަކާއެކު ކިރިޔާ ޢަރަޤުނުވެ، ސަތޭކަ ތިން ކަން ބޮލު އަޅައިގެން ތިބޭ ބެލެނިވެރިންނަށް ޕްރީސްކޫލް ޓީޗަރުން ކައިރިން ދެ ތިން އެއްޗެއް ދަސްކުރެވިދާނެކަން ޔަޤީނެވެ. ޖަޒުބާތީ ދުޅަ ހެޔޮކަމުގެ ބިންގާ ވަރުގަދަ ވުމަކީ ކޮންމެ ކުއްޖެއްގެ ކުރިމަގާއި ގުޅިފައި އޮންނަ ކަމެކެވެ. ކުދިންނަށް އެކުދިންގެ ބޮޑެތި ޖަޒުބާތުތައް ފާހަގަކޮށް، އެ ޖަޒުބާތުތަކާ ކުރިމަތިލެވޭނެ ގޮތްތައް އެމީހުންގެ ފަންނީ ޢިލްމުންނާއި ތަޖުރިބާއިން ދަސްކޮށްދިނުމުގައި ތިބީވެސް ޕްރީސްކޫލް ޓީޗަރުންނެވެ.

ކުދިންނަށް އެހެން މީހުންނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ދަސްކޮށް ދިނުން

ފައުންޑޭޝަން ނުވަތަ ޕްރީސްކޫލް ޢުމުރުފުރާގައި އުނގަންނައި ދެވެނީ ހަމަ އެކަނި ލިޔުމާއި ކިޔުމެއް ނޫނެވެ. ސްކޫލުގައި ހެދިފައި ހުންނަ ގަވާއިދުތަކުން ފެށިގެން ރީތި އަދަބު ވެސް ޕްރީސްކޫލް ޓީޗަރުން ދަސްކޮށްދެއެވެ. އެކުގައި މަސައްކަތް ކުރާއިރު ޖެހޭ މައްސަލަތައް ޙައްލު ކުރުމާއި، ކުޅޭ އެއްޗެއްސާއި އެހެނިހެން ތަކެތި‘ ޝެއާ ’ ކުރާނެގޮތް ކުދިންނަށް ޢިބްރަތްތެރި ވާހަކައާއި ލަވައާއި މަޖަލުގެ ތެރެއިން ދަސްކޮށް ދެނީ ހުޝިޔާރު، ހުނަރުވެރި ޕްރީސްކޫލް ޓީޗަރުންނެވެ. އަޅުގަނޑުމެންގެ ދަރިން މުޖުތަމަޢުއަށް ފިޓު ބަޔަކަށް ހަދައި ސޯޝަލައިޒް ކުރުމުގެ މަސައްކަތް ފުރަތަމަ ފަށާ މީހުންނަކީ ޕްރީސްކޫލް ޓީޗަރުންނެވެ.

އަޅުގަނޑެމެންގެ ދަރިންގެ ކުރިމަގު އުޖާލާ ކުރުމަށް ކުރެވޭ މިފަދަ މަސައްކަތަކީ އަގެއް ނެތް ބޭކާރު މަސައްކަތެއް ކަމަށް ދެކުމަކީ ޕްރީސްކޫލް ޓީޗަރުންނަށް ވެވޭ ބޭއިންޞާފަކަށް ނޫނީ ނުވާނެއެވެ

ކުދިންގެ އަމިއްލަ ނަފްސާ މެދު ވިސްނާ ގޮތް ރަނގަޅު ކުރުމަށް އެހީތެރިވުން

ޕްރީސްކޫލް ކުދިންނަށް އުނގަންނައި ދެނީ އެކުދިން އެންމެ ކުރާހިތްވާ ކަންތަކުގެ ތެރެއިންނެވެ. ކުޅުމާއި، ވާހަކަ ކިޔުމާއި، ތަފާތު ގިނަ މަޖާ ޙަރަކާތްތަކެއްގެ ތެރެއިންނެވެ. މި ސަބަބުތަކަށްޓަކައި އުނގެނުމަކީ އެ ކުދިންނަށް ބިރުވެރި ފޫހި ކަމަކަށް ނުވެއެވެ. ރަސްމީ އުނގެނުމުގެ މަރުޙަލާ ފެށޭއިރު ކުދިންގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ރަނގަޅު ވުމަކީ އެކުދިންގެ ކުރިމަގަށް ނުހަނު މުހިއްމު ކަމެކެވެ. ކުދިންނަށް ކިތަންމެ ކުޑަ ކުރިއެރުމެއް އަޔަސް އެކަން ފާހަގަކޮށް ކުއްޖާ އަށާއި ބެލެނިވެރިޔާ އަށް އެކަން އަންގާލުމުގެ ގޮތުން އަތުގައި ނުވަތަ ކޮލުގައި ތަތްކޮށްފާ ފޮނުވާ ތަރިތަކަކީ ކުއްޖާއަށް ކިހާ މުހިއްމު އެއްޗެއްކަން ނޭނގޭ މީހަކު މަދުވާނެއެވެ.

އެފަދަ އެތައް ތަރިތަކާ، ހިތްވަރުގެ ބަސްތަކާ، ހިނިތުންވުންތަކުން ކުއްޖާގެ އަމިއްލަ ނަފްސާމެދު އުފެދޭ ޔަޤީން ކަމަކީ އެކުއްޖާގެ ތަޢުލީމީ ބިންގާ ހުރިހާ ގޮތަކުން ބެލި ނަމަވެސް އިތުރަށް ވަރުގަދަ ކޮށްދޭ ކަމެކެވެ. 

މި 5 ކަންތަކުގެ އިތުރުންވެސް ޕްރީސްކޫލް ޓީޗަރުން މުހިއްމުވާ ސަބަބުތައް ބައިވަރެވެ. ނިންމާލަމުން ބުނެލަން އޮތީ އެންމެ ވާހަކައެކެވެ. ފެންވަރު ރަނގަޅު،  މޮޅު، އުފެއްދުންތެރި ޓީޗަރަކީ ކޮންމެ ގްރޭޑަކަށް ކިޔަވައިދިނަސް އަގު ނުކުރެވޭނެ މީހެކެވެ.  އެއީ ޕްރީސްކޫލުގައި އޭބީސީ ކިޔަވައިދޭން ހުންނަ އާންޓީއަށް ވިއަސް މެއެވެ.

Leave a Comment

Your email address will not be published. Required fields are marked *