ބައެއް ދަރިވަރުން ބުނާތީ އަޑުއިވެއެވެ. ”މިވެނި އެވެނި މީހަކީ ވަރަށް ވިސްނުން ތޫނު މީހެކެވެ.

ބައެއް ދަރިވަރުން ބުނާތީ އަޑުއިވެއެވެ. ”މިވެނި އެވެނި މީހަކީ ވަރަށް ވިސްނުން ތޫނު މީހެކެވެ. އަހަރެންނަކީ ވަކި މޮޅު ހުނަރެއް ލިބިފައިވާ މީހެއް ނޫނެވެ. މާ މޮޅު މީހެއްވެސް ނޫނެވެ. އަހަރެންނަށް އެ މީހުންނާ ފައިހަމަ ކުރެވޭނީ ކިހިނެއްހެއްޔެވެ؟“  ނޫނީ ތިޔަ ދަރިވަރަކީ މިއަދާ ހަމައަށް މަތީ ވަނަތައް ހޯދަމުން އައިސް, ދެން ރަނގަޅު ކޮށްލާނެ އިތުރު ކަމެއް ނުވަތަ އިތުރަށް އުނގެނޭނެ އެއްޗެއް ނެތް ކަމަށް ޤަބޫލު ކުރާ ދަރިވަރަކީމު ހެއްޔެވެ؟  މި ދެ ގޮތުން ކުރެ ގޮތަކަށް ވިސްނިފައި ނުވަތަ ވިސްނައިދެވިފައި ވާނަމަ މި ލިޔުން ތިޔަ ދަރިވަރު ކިޔާލަން ރަނގަޅު ވާނެކަމަށް ދެކެމެވެ. 

މައިންޑްސެޓަކީ ކޮބާ؟

މި ލިޔުމުގައި ”މައިންޑްސެޓް“ މާނަ ކުރެވިފައިވާ ގޮތަކީ ތިމާގެ އަމިއްލަ ވިސްނުމާއި، ފިކުރާއި ޤާބިލިއްޔަތާއި މެދު ތިމާގެ އަމިއްލަ ތަޞައްވުރެވެ. ނުވަތަ ޤަބޫލު ކުރާ ގޮތެވެ. ތޫނުފިލި ކަމާއި އުނގެނުމާއި މެދު މީހުންގެ މައިންޑްސެޓްއާއި ގުޅިގެން ދިރާސާތަކެއް ކުރެއްވުމަށްފަހު ތަފާތު 2 ވައްތަރެއްގެ މައިންޑްސެޓް، ސްޓޭންފަރޑް ޔުނިވަރސީޓީގެ ސައިކޯލޮޖިސްޓް ކެރޯލް ޑްވެކް ފާހަގަ ކުރެއްވިއެވެ.

ފިކްސްޑް މައިންޑްސެޓް

 1- އެއް ބަޔަކު ދެކޭގޮތުގައި ބައެއް މީހުންނަކީ އުފެދުމުގައިވެސް މޮޅު މީހުންނެވެ. ނުވަތަ ވަކި ހުނަރަކާއެކު އުފަންވާ މީހުންނެވެ. މިފަދަ ވިސްނުމަށް ޑްވެކް ދެއްވާފައިވާ ނަމަކީ ”ފިކްސްޑް މައިންޑްސެޓް އެވެ“. ފިކްސްޑް މައިންޑްސެޓް ހުންނަ މީހުން ދެކޭ ގޮތުގައި މޮޅު މީހަކު މާ ބޮޑު މަސައްކަތެއް ނުކުރިޔަސް އަބަދުވެސް މޮޅުވާނެއެވެ.

ގްރޯތު މައިންޑްސެޓް

2- ”ގްރޯތު މައިންޑްސެޓް“ ހުންނަ މީހުން ދެކޭގޮގުތައި ތޫނުފިލިކަމާއި، ހުނަރަކީ އަބަދުވެސް އިތުރަށް ތަރައްޤީ ކުރެވޭނެ ކަންކަމެވެ. އެގޮތުން ގްރޯތު މައިންޑްސެޓް ހުންނަ މީހަކަށް ނޭނގުމަކީ ނުވަތަ ނާކާމިޔާބީއަކީ ވަގުތީ ކަމެކެވެ. މިފަދަ މައިންޑްސެޓް ހުންނަ މީހަކަށް މޮޅުވުމާއި ފޭލިވުމަކީވެސް ކަމެއް ޙާޞިލު ކުރުމަށް ތިމާ ކުރި މަސައްކަތުގެ ޖުމުލަ ނަތީޖާއެވެ.

ކެރޯލް ޑްވެކް ގެ ދިރާސާ (އުސްއަލިތައް)

ގްރޭޑް 7ގައި ހިސާބު ކިޔަވަމުންދިޔަ ތިން ސަތޭކަ އެތައް ދަރިވަރުންގެ ހުރީ ކޮންކަހަލަ މައިންޑްސެޓެއްތޯ ބެލުމަށް 2 އަހަރު ދުވަހަށް ދެމިގެންދިޔަ ދިރާސާއެއް ޑްވެކް އަދި ޑރ. ބްލެކްވެލް ކުރެއްވިއެވެ. ނަތީޖާތަކުން ދެއްކިގޮތުގައި  ފިކްސްޑް މައިންޑްސެޓް ހުރި ކުދިންގެ ނަތީޖާ ދިޔައީ އެއް ފަހަރަށް ވުރެ އަނެއް ފަހަރު ދަށަށެވެ. ނަމަވެސް ގްރޯތު މައިންޑްސެޓް ހުރި ކުދިންނަށް އެ 2 އަހަރުގެ ތެރޭގައި ހިސާބު މާއްދާގެ ނަތީޖާ ކުރިއަށްވުރެ ރަނގަޅު ކުރެވުނެވެ. ނަތީޖާ އަށްވުރެ ބޮޑަށް މި ކުދިން އަހައްމިއްޔަތުކަން ދިނީ އުނގެނުމަށް ކުރަން ޖެހޭ މަސައްކަތަށެވެ. އެންމެ ބޭނުންވި މާކްސް ނުލިބުނަސް ދެން އަންނަ ފަހަރަކަށް އެކުދިން  މަސައްކަތް ފަށަނީ  ފިލާވަޅު ދަސްކުރާ ގޮތާއި މުޠާލިއާ ކުރާގޮތަށް ބަދަލުތަކެއް ގެނެސްގެން އާ ހިތްވަރަކާ އެކީ އެވެ. ގްރޯތު މައިންޑްސެޓް ހުންނަ ދަރިވަރުންނަށް ފޭލިވުމަކީ އުނގެނުމުގެ ބައެކެވެ. ފޭލިވަނީ ދަރިވަރެއް ނޫނެވެ. ފޭލިވަނީ މަސައްކަތް ކުރެވޭ ގޮތެވެ.   

ފިކްސްޑް މައިންޑްސެޓް ހުރި ކުދިންނަށް ނަތީޖާ ރަނގަޅުކުރުމަށް މަސައްކަތް ކުރުން ފެނިގެންދިޔައީ ދެރަ ކަމެއްގެ ގޮތަށެވެ. ނަތީޖާ އަކަށްވީ މިކުދިންގެ ހިސާބު ނަތީޖާ އެއް ފަހަރަށްވުރެ އަނެއް ފަހަރު ދަށްވަމުން ދިޔުމެވެ. އިތުރަށް ފާހަގަ ކުރެވުނު ގޮތުގައި، ފިކްސްޑް މައިންޑްސެޓް ހުރި ކުދިން އުނދަގޫ މަސައްކަތެއް ކުރަން ޖެހުމުން މަކަރު ހަދާ ވަކި ހިސާބަކުން މަސައްކަތް ނުނިންމާ ދޫކޮށްލައެވެ. ރަނގަޅު ނަތީޖާ ހޯދަން އިތުރު މަސައްކަތެއް ނުކުރާކަން އެހެން މީހުންނަށް ދެއްކުން މި ކުދިންނަށް މުހިއްމުވެއެވެ. ސަބަބަކީ މިކުދިން ޤަބޫލުކުރާ ގޮތުގައި، ބުރަ މަސައްކަތުން ރަނގަޅު ނަތީޖާ ހޯދުން އެއީ ’އަސްލު‘ މޮޅު މީހުންގެ ސިފައެއް ނޫނެވެ.  

އެންމެންނަށް މުހިއްމު ފިލާވަޅުތަކެއް

ޑްވެކްގެ މި ދިރާސާތަކުން އެންމެންނަށް ވެސް މުހިއްމު ފިލާވަޅުތަކެއް ވެއެވެ. އެއީ އެހެން މީހުންނަށް ތަރުޙީބު ދޭގޮތާއި ތިމާގެ އަމިއްލަ ނަފްސަށްވެސް ތަރުޙީބު ދޭގޮތް ބަދަލު ކުރުމުގެ މުހިއްމުކަމެވެ. އެންމެ ފުރަތަމަ ކަމަކީ މަތީ ފާހެއް ލިބުމުން، ވަޒީފާގެ ކުރިއެރުމެއް ލިބުމުން،  ނުވަތަ ރީތިކޮށް ކުލަޖައްސާލުމުން ’ހާދަ މޮޅޭ“ ”ހާދަ ސްމާޓޭ“،  ”ހާދަ ރީއްޗޭ“ މިހެން ބުނުމުގެ ބަދަލުގައި ”ތިޔަ ފާސް / ކުރިއެރުން ހޯދަން ކުރި ބުރަ މަސައްކަތުގައި ދެމި ހުރީތީ ސާބަސްދެން“ ، ”މިއަދުގެ ފިލާވަޅު ވަރަށް ފަރިތަކޮށްފައި ހުރީމަ އެއްވެސް ކުށެއްނެތި ކިޔާލެވިއްޖެ“ މިފަދަ ގޮތަކަށް ތަރުޙީބު ދޭގޮތް ބަދަލު ކޮށްލުމުން ދަރިވަރު ބާރުވެރި ކުރުވޭ މިންވަރު ބޮޑުވއެވެ. މިގޮތަށް ދެވޭ ތަރުޙީބުން، ތޫނުފިލިކަމާއި ހުނަރަކީ ތިމާގެ ކިބައިގައި ވަކި ގޮތަކަށް، މިންވަރަކަށް ހަރުލާފައިހުންނަ ކަމެއް ނޫންކަން އިހުސާސް ކުރެވޭނެއެވެ. ދެވޭ ތަރުޙީބުގެ ފޯކަސް އަކީ ބަދަލު ކުރެވޭނެ ކަންތައްތަކެވެ.  ފޭލިވިޔަސް ، އެއީ ތިމާއަކީ މޮޅު މީހަކަށް ނުވީތީ ވީގޮތެއް ނޫންކަން ހިތާ ރޫޙުން ޤަބޫލު ކުރެވޭނެ އެވެ.

 ދެވަނަ ކަމަކީ ފޭލިވުމަކީ ދެރަކަމެއް ކަމަށް  ދެކޭ ސަޤާފަތް މުޅިން ބަދަލު ކޮށްލުމެވެ. ބައެއް ފަހަރު ސްކޫލްތަކުންވެސް މަތީ ފާސް ހޯދާ ކުދިން ވަކި ކޮށްފައި ރަނގަޅު ނަތީޖާ ނުލިބޭ ކުދިން ވަކި ކުލާހަކަށް ލާ މިކަހަލަ ކަންތައްތަކެއް ކުރެއެވެ. އަޅުގަނޑުމެން ކިތަންމެ މޮޅު ވާހަކަތަކެއް ދެއްކިޔަސް ކުދިންނަށް މިފަދަ އުޞޫލުތަކުގެ ތެރެއިން ދެވޭ މެސެޖަކީ ކޮބައިކަން އެންމެންނަށް އެނގެއެވެ.

ފޭލިވުމަކީ ހަތަރު އުދަރެސް ފެނު ޖެހުމެއް ނޫނެވެ. ނުވަތަ ތިމާގެ މުޅި ދިރިއުޅުމުގައި އެ ލޭބަލް ޖެހިފައި ހުރުމެއް ވެސް ނޫނެވެ. ފޭލިވިޔަސް، މަސައްކަތް ކޮށްގެން ނަތީޖާ އަނބުރާލުމުގެ ބާރު ކޮންމެ  ދަރިވަރެއްގެ އަތުގައިވެސް އޮތްކަން ވިސްނުން މިއީ ގްރޯތު މައިންޑްސެޓްގެ މުހިއްމު އެއް އަސާސެވެ.

ނިންމުން

ދިރިއުޅުމުގެ އެއްވެސް ކަމަކުން ފޭލިވިޔަސް އެއީ ތިމާގެ ނަފުސް ބަލިކޮށްލާ ކަމަކަށް ހެދުމުގެ ބަދަލުގައި ހަށިފޮޅާލާފައި ތެދުވެ އަލުން އެ މަސައްކަތް ކުރިއަށްވުރެ މޮޅަށް، ރަނގަޅަށް ކުރެވޭނެކަން ގަބޫލު ކުރާ ދަރިވަރަކީ ވަކި މީހަކަށްވުރެ މޮޅުވުމަށް މަސައްކަތް ކުރާ ދަރިވަރެއް ނޫނެވެ. އެއީ ނިކަމެތިކޮށްލުމުގެ ގޮތުން އެހެން މީހުން ކުރާ ފުރައްސާރައާއި މަލާމާތަކަށްވެސް ބަލާ މީހެއް ނޫނެވެ. އަދި އެހެން މީހުންގެ ތަޢުރީފުގެ ބަސްތަކުން ހިތްވަރު ހޯދާ ދަރިވަރެއްވެސް ނޫނެވެ. ގްރޯތު މައިންޑްސެޓް ހުންނަ ދަރިވަރަކަށް ކޮންމެހެން މޮޅޭ ނުބުންޏަސް ވަރިހަމަވަނީ މިހެން ވެގެންނެވެ.

(ނޯޓް: މި އާޓިކަލް އަކީ ހިތަދޫ ކެމްޕަސްގެ މަޖައްލާއަށް އަޅުގަނޑު ލިޔުނު އެއްޗެކެވެ.)

Leave a Comment

Your email address will not be published. Required fields are marked *